ހއ. ތުރާކުނުގެ ޖަމިއްޔާއެއް ކަމަށްވާ، ތުރާކުނު އައިލެންޑް ޑިވެލޮޕްމެންޓް ސޮސައިޓީ (ޓައިޑްސް)ގެ ފަރާތުން އެރަށު ހުރިހާ ގޭބިސީއަކަށް ޢީދު ހަދިޔާ ބަހައިފިއެވެ.
މި ހަރަކާތަކީ ޓައިޑްސްއާ ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ހަރުދަނާކޮށް، ވަރުގަދަކޮށް އަދި ރަށުގެ އިޖުތިމާއީ ގުޅުން ބަދަހި ކުރުމުގެ ގޮތުން ހިންގޭ ހަރަކާތެއްކަމަށް ޓައިޑްސްގެ ނައިބު ރައީސް މުހައްމަދު ރަޝީދު ވަނީ ވިދާޅުވެފައެވެ.
2019 ވަނަ އަހަރުން ފެށިގެން ޢީދު ނުވަތަ ރޯދަ ހަދިޔާއެއް ރަށުގެ ރައްޔިތުންނަށް ބެހުމަށް ޓައިޑްސްގެ ހިންގާ ކޮމެޓީއިން ފާސްކޮށް ކުރިއަށް ގެންދިއުމަށް ނިންމި ނަމަވެސް، 2020 ވަނަ އަހަރު ކޯވިޑް-19ގެ ޕޭންޑަމިކްގެ ސަބަބުން މި ހަރަކާތް މަޑުޖައްސައިލާ، މިއަހަރު އަނެއްކާވެސް ޓައިޑްސްގެ ފަރާތުން ތުރާކުނުގައި ދިރިއުޅޭ ފަރާތްތަކަށް ޢީދު ހަދިޔާއެއް ވަނީ ބަހާފަ އެވެ.
ތުރާކުނުގެ އުމުރާނީ ތަރައްގީއަށް ޓަކައި ޓައިޑްސްއިން އިސްނަގައި އެރަށުގެ ހިނަވާގެއެއްވެސް ބިނާކޮށްފައިވެއެވެ. އެގޮތުން، ހިނަވާގޭގެ ހުރިހާ މަސައްކަތެއް ނިންމާ 2019 މެއި 19 ވަނަ ދުވަހު ކައުންސިލާ ހިނަވާގެ ހަވާލުކޮށްފައިވާކަމަށް ޓައިޑްސްގެ ނައިބް ރައީސް މުހައްމަދު ރަޝީދު ވިދާޅުވެފައިވެއެވެ.