އައްޑޫ ފްލައިން ސްކޫލްގެ މައްސަލައިގައި ފްލައިން ސްކޫލްގެ އިސް މަޤާމެއްގައި ތިބި ދެފަރާތެއްގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅު އެޅުއްވުމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމަވައިފިއެވެ. މީގެއިތުރުން ސްކޫލުގެ ދަރިވަރުންގެ ލޯނުތަކަށް އަރަމުން އަންނަ އިންޓްރެސްޓްގެ މައްސަލަ ޙައްލުކުރުމަށްވެސް ރައީސްވަނީ ފިޔަވަޅު އަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އައްޑޫ ފްލައިން ސްކޫލްގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު މުހިއްމު ނިންމުންތަކެއް ނިންމަވާފައިވާކަމަށެވެ. އެގޮތުން 2019ވަނަ އަހަރާއި 2020 ވަނަ އަހަރުގެ ސިވިލް އެވިއޭޝަން އޮތޯރިޓީގެ އޯޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކާއި ގުޅިގެން ފްލައިން ސްކޫލްގެ އިސް ދެބޭފުޅެއްގެ މައްސަލަ އިތުރަށް ބަލާ ފިޔަވަޅު އަޅަންޖެހޭނަމަ ފިޔަވަޅުއެޅުމަށްވެސް ރައީސްވަނީ ނިންމަވާފައެވެ. ރައީސްގެ މިއެންގުމާ ގުޅިގެން ފިޔަވަޅުއެޅުމަށް ނިންމާފައިވަނީ ފްލައިން ސްކޫލްގެ އެކައުންޓެބަލް މެނޭޖަރ ޢަލީ އަކްބަރު ޖީވަންޖީ އާއި ހެޑް އޮފް ޕައިލެޓް ޓްރެއިނިންގ ކެޕްޓަން ސުރަންޖަން ޑީ ސިލްވަރއަށެވެ.
މީގެއިތުރުން ރައީސްވަނީ ފްލައިން ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންދިޔުމަށް ބީއެމްއެލްއިން ނަގާފައިވާ ލޯނުތަކަށް އިންޓްރެސްޓް އަރަމުން އަންނާތީ އެލޯންތައް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ދަށަށް ބަދަލުކުރައްވާފައެވެ. އެގޮތުން ބީއެމްއެލްގެ ލޯނު ސްކީމްގެ ދަށުން 15 ކުއްޖަކު އަންނަނީ ފްލައިން ސްކޫލްގައި ކިޔަވަމުންނެވެ. މިދަރިވަރުންގެ ފީގެ މައްސަލަ ބޮޑުވެފައިވާއިރު ކުދިން ކިޔެވުމަށް ނަގާފައިވާ ލޯނު ދައްކަންޖެހޭ މުއްދަތުވެސް ސަރުކާރުންވަނީ މީގެކުރިން އިތުރުކޮށްދެއްވާފައެވެ. އެހެންނަމަވެސް އަދިވެސް މައްސަލަ މުޅިން ޙައްލުވެ ކުދިންގެ ކިޔެވުން ނުނިމި ދިގުލައިގެން ގޮސް ކުދިން ނަގާފައިވާ ލޯނުގެ އިންޓްރެސްޓް އަރަމުން އަންނާތީ އެކަން ސަރުކާރުންވަނީ މިހާރު ޙައްލުކޮށްފައެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފްލައިން ސްކޫލުގެ މައްސަލަ ދިގުލައިގެން ދިޔުމާ ގުޅިގެން އެކަމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވޭތޯ ބެލުމަށް މިނިވަން އޮޑިޓެއް ހެދުމަށްވެސް ރައީސުލްޖުމްހޫރިއްޔާވަނީ ނިންމަވާފައެވެ.
އައްޑޫ ސިޓީގައި ހުންނަ އޭޝިޔަން އެކަޑަމީ އޮފް އެއިރޯނޯޓިކްސްގެ ދަރިވަރުންގެ ކިޔެވުމާމެދު ގިނަ ޝަކުވާތަކެއް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާއިރު މައްސަލަ ބަލާފައިވާ އެކި އިދާރާތަކުންވަނީ މިކަމުގައި ގިނަ އިހުމާލުތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. މިމައްސަލަ ތަޙްޤީޤުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައާއި ގުޅޭ ކޮމިޓީންވަނީ އައްޑުއަށް ގޮސް އެތަނުގެ ވެރިންނާއި ދަރިވަރުންނާއި ވަކިވަކިން ބައްދަލުކުރައްވާފައެވެ. އަދި މައްސަލަ އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ކޮމިޓީއަށް ސިވިލްއެވިއޭޝަން މިނިސްޓަރ ޢައިޝަތު ނަހުލާއާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ހަސަންވެސް ހާޒިރުކުރައްވާފައެވެ.
ފްލައިން ސްކޫލްގެ މައްސަލަތަކުގެ ތެރޭގައި އެތަނުގައި ކިޔަވައިދެމުން އަންނަ 170އަށްވުރެ ގިނަ ދަރިވަރުންނަށް ބޭނުންވާވަރަށް މުދައްރިސުންނެތުމާއި ފްލައިންގެ ގަޑި ހަމަކުރުމަށާއި ކިޔެވުމުގައި ބޭނުންކުރާނެ ބޯޓު ނެތުމުގެ މައްސަލަވެސްވަނީ ފެންމަތިވެފައެވެ.
މަސްދަރު: ޕީއެސްއެމް ނިއުސް