ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ޕީއެސްޖީއާއި ޗެލްސީ ދަތުރު ކޮށްފިއެވެ.
ޕީއެސްޖީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފައިވަނީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނުގެ ބަޔާން މިޔުނިކް ކަޓުވާލުމަށް ފަހުގައެވެ.
ބަޔާންގެ ދަނޑުގައި މި ދެޓީމް ކުއާޓާގެ ފުރަތަމަ މެޗު ކުޅެފައިވާއިރު އެ މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ޕީއެސްޖީންނެވެ. ދެވަނަ ލެގުގެ މެޗު އަންގާރަ ދުވަހުގެ ރޭ ޕީއެސްޖީގެ ދަނޑުގައި ކުޅެފައިވާއިރު އެ މެޗު ނިމިގެން ގޮސްފައިވަނީ 1-0 ގެ ނަތީޖާއިން ބަޔާން މޮޅުވެގެންނެވެ. ދެ މެޗުގެ ނަތީޖާއިން ދެ ޓީމްގެ އެގްރިގޭޓް ނަތީޖާ 3-3 އެއްވަރުވީ ނަމަވެސް ޕީއެސްޖީއަށް ސެމީގެ ޖާގަ ލިބިގެން ގޮސްފައިވަނީ އަވޭ ގޯލުން ކުރި ލިބިގެންނެވެ.
އަންގާރަ ދުވަހުގެރޭ ކުޅެވުނު މިމެޗްގަައި ދެޓީމްގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުޞަތު ތަކެއް ލިބި ބޭކާރުވެގެން ގޮސްފައިވެއެވެ. މިގޮތުން ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާއަށް ލިބުން ފުރުޞަތުތައް ފާހަގަ ކޮށްލެވެއެވެ. މިގޮތުން ފުރަތަމަ ހާފުގައި ނޭމާ ފޮނުވާލި ދެ ހަމަލާއެއް ބަޔާންގެ ގޯލުގެ ދަނޑިއަށް ވެސް ވަނީ އަމާޒުވެފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 40 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ މީގެ ކުރިން ޕީއެސްޖީއަށް ކުޅުނު އެރިކް މެކްސިމް ޗޫޕޯ-މޯޓިންނެވެ.
ޗެލްސީ މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފައިވަނީ ޕޯޗުގަލްގެ ޗެމްޕިއަން ޕޯޓޯ ކަޓުވާލުމަށް ފަހުގައެވެ. މި ދެ ޓީމް ޕޯޓޯގެ ދަނޑުގައި ކުޅުނު ކުއާޓާގެ ފުރަތަމަ ލެގުގެ މެޗް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ޗެލްސީއެވެ.
އެހެންނަމަވެސް އަންގާރަ ދުވަހުގެރޭ އަންގާރަ ދުވަހުގެ ރޭ ޗެލްސީގެ ދަނޑުގައި ކުޅެވުނު ދެވަނަ ލެގްގެ މެޗް 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ޕޯޓޯއެވެ. މިމެޗުން ޕޯޓޯ މޮޅުވިކަމުގައި ވިޔަސް ޗެލްސީއަށް ސެމީގެ ޖާގަ ލިބިގެން ގޮސްފައިވަނީ ދެ މެޗުގެ އެގްރިގޭޓް ނަތީޖާއިން ޗެލްސީއަށް ކުރި ލިބިގެންނެވެ.
ޗެލްސީއާއި ޕޯޓޯގެ މެޗްގައިވެސް ދެ ޓީމުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މިގޮތުން ، ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް އިދިކޮޅު ގޯލަށް މާ ގިނަ ހަމަލާތަކެއް ފޮނުވާލެވިފައި ނުވެއެވެ. މި މެޗުގައި ޕޯޓޯއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ހަތަރު މިނެޓުގެ ތެރޭގައި ކާމިޔާބު ކޮށްދީފައިވަނީ ޕޯޓޯގެ
ތުރުކީ ފޯވާޑް މެހްދީ ޓަރޭމީއެވެ.