މިއަދު ހަވީރު މަރަދޫ ފޭދޫގައި ކުޅެވުނު އައިވީ މިކްސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ފޭދޫ ފާހި ސްޕޯޓްސް ކްލަބް ހޯދައިފިއެވ.
ފޭދޫ ފާހި މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މީދޫ ޓީމާ ވާދަކޮށް ތިންސެޓް ސުން ސެޓުން މެޗް މެޗްކާމިޔާބުކޮށްގެންނެވެ.
މިދެޓީމް މިމުބާރާތުގައި މީގެ ކުރީން ވާދަކުރިމެޗް ސީދާ ތިންސެޓުން މީދޫޓީމް ކާމިޔާބުކޮށްފައިވާތީ މިއަދުގެ މެޗްވެސް ފަސޭހަކަމާއެކު މިދޫޓީމް ކާމިޔާބުކުރާނެ ކަމަށް ގިނަބަޔަކުތިބީ ގަބޫލްކޮށްގެންނެވެ.
އެހެންނަމަވެސް މިއަދުގެ މެޗްގައި މީދޫޓީމްގެ ކުޅުންތެރީންގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރަށް އާދައިގެ ދަށްކުޅުމެކެވެ.
މިއަދުގެ މެޗް ފައިށައިގެން ފުރަތަމަ ސެޓްގެ ކުރީ ކޮޅު މީދޫޓީމްގެ ކުޅުންތެރީން ވަރަށް ރަގަޅު ކުޅުމެއް ކުޅެ ހަތަރުފަސް ޕޮއިންޓްގެ ލީޑެއް ހޯދިއެވެ. އެހެން ނަމަވެސް މީދޫޓީމްގެ ކުޅުންތެރީންގެ ކުޅުން މަޑުމަޑުން ދައްވަމުން ދައްވަމުން ގޮސް މިސެޓްގެ ސްކޯ 19 -19 އިން އެއްވަރުވެ ފޭދޫޓީމަށް ލީޑު ލިބުނު ހިސާބުންފެށިގެން މީދޫޓީމުގެ ކުޅުންތެރީންނަށް އެއްގޮތަކަށް ރަގަޅު ކުޅުމެއް ދެއްކޭގޮތެއްނުވެ ފުރަތަމަ ސެޓް 22 -25 އިން ފޭދޫޓީމްގެ ކުޅުންތެރީން ހޯދިއެވެ.
ދެވަނަ ސެޓް ފައިށައިގެންވެސް މީދޫ ކުޅުންތެރީންގެ ފަރާތުން ފެނިގެންގޮސްފައިވަނީ ވަރަށް އާދައިގެ ދަށްކުޅުމެކެވެ. މިގޮތުން ގިނަ ސާރވިސްތަކެއް ބޭރަށްކޮށް ރަގަޅު ރިސީވެއްވެސް ނުދެވެއެވެ. އެހެންކަމުން ދެވަނަ ސެޓް ފައިށައިގެން ނިމެންދެންވެސް ލީޑުކުރަމުންދިޔައީ ފޭދޫޓީމުންނެވެ. މިސެޓް ފޭދޫޓީމް ގެންގޮސްފައިވަނީ 25-20 އިންނެވެ.
ތިންވަނަ ސެޓް ފަށައިގެން ދެޓީމް ދާދިހަމަހަމަކޮށް ސްކޯ ހިފަހައްޓަމުންގޮސް މީދޫޓީމަށް ވަކި ހިސާބަކުން ދެޕޮއިންޓް ލީޑެއް ލިބުނެވެ. އަދި މިސެޓްގެ ކުޅުން 23-22 އާ ހަމައަށް ދިޔައިރު މީދޫ ޓީމަށް އެއްޕޮއިންޓްގެ ލީޑެއް ލިބިފައި ވަނިކޮށް މީދޫޓީމުގެ ކުޅުންތެރިއަކަށް ލިބުނު ޗާންސް ބޯޅައެއް އެއްފަހަރު ފޭދޫޓީމުގެ ކޮޅަށް ފޮނުވާލުމުން އެޓީމުގެ ކުޅުންތެރީން އެބޯޅައިގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައި ސްކޯ 23-23 އިން އެއްވަރުކުރިއެވެ. އަދި ފޭދޫޓީމްގެ ކުޅުންތެރީން މިސެޓްގެ 24 ވަނަ ޕޮއިންޓް ހޯދީވެސް މީދޫ ޓީމްގެ ތަޖުރިބާ ކާރު ކުޅުންތެރިޔާ ރާއީއަށް ލިބުނު ބޯޅައެއް އެއްފަހަރުން ފޭދޫޓީމް ކޮޅަށް ފޮނުވާލުމުން އެބޯޅަ ރިސީވްކޮށް އެޓޭކްކޮށްގެންނެވެ.
ފޭދޫޓީމުން ތިންވަ ސެޓް ކާމިޔާބުކޮށް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ 25-23 އިން ތިންވަނަ ސެޓް ކާމިޔާބުކޮށްގެންނެވެ. ފޭދޫޓީމުން މިމެޗް ސީދާ ތިންސެޓުން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދިއިރު މިދެޓީމް މިމުބާރާތުގެ 3 ވަނަ މެޗްގައި ވާދަކޮށް ކުޅުނު މެޗުން ސީދާ ތިންސެޓުން ކާމިޔާބުކުރީ މީދޫޓީމުކަން ފާހަގަކޮށްލަންޖެހެއެވެ.
އިއްޔެގެ ފައިނަލްމެޗްގައި ވާދަކުރި މީދޫޓީމުގެ ކުޅުމަށް އިތުރަށް ބަލާއިރު މީގެ ކުރީން މިމުބާރާތުގައި މީދޫޓީމްގެ ކުޅުންތެރީންގެ ފަރާތުން ފެނުނު ރަގަޅު ބްލޮކް ރަގަޅު އެޓޭކެއް އަދި ރަގަޅު ރިސީވެއް މިމެޗްގައި ފެނިގެން ގޮސްފައިނުވެއެވެ. ޚާއްސަކޮށް މީދޫޓީމްގެ ރާއީ ކުރީގައި ކުޅޭ ކޮންމެ ފަހަރަކު ރަގަޅު ރިސީވެއް ނުލިބުމުގެ ސަބަބުން ރާއީއަށް ރަގަޅު އެޓޭކެއް ހެދިފައިނުވާތީ މީދޫޓީމަށް ލިބިފައި އޮންނަނ ލީޑު ގެއްލިގެންގޮސް ފޭދޫޓީމްގެ ކުޅުންތެރީން ގިނަ ޕޮއިންޓް ތަކެއް ހޯދަމުންގޮސްފައިވާތަން ފެނިގެންދިޔައެވެ.