އިގިރޭސި ޕްރިމިއާލީގުގައި ރޭ 5 – 2 ގެ ބޮޑު ނަތީޖާއަކުން މެންޗެސްޓަރ ސިޓީ ބަލިވެއްޖެވެ. ގަބޫލް ކުރަން ދަތި ނަތީޖާއެއްގެ ގޮތުގައި މިނަތީޖާ ފާހަގަކުރަންޖެހޭއިރު މިއީ ފަހުގެ ތާރީޚެއްގައި ސިޓީގެ މައްޗަށް ކުލަބަކުން ހޯދި އެންމެ ބޮޑު ކާމިޔާބެވެ. އަދި މިއީ 2003 ގެ ފެބްރުއަރީގެ ފަހުން ސިޓީގެ ދަނޑުގައި ސިޓީގެ ގޯލަށް 5 ގޯލްވަން ފުރަތަމަ މެޗުކަންވެސް ފާހަގަކޮށްލަންޖެހެއެވެ. މިނަތީޖާ މިގޮތައް ނިކުމެދާނެކަމަށް ގަބޫލްވެސް ނުކުރެވޭއިރު މިމެޗްގައި ސިޓީގެ ކޮޅަށް ލެސްޓާއިން ޖެހި 5 ގޯލްގެ ތެރެއިން 3 ގޯލަކީ ޕެނަލްޓީން ކާމިޔާބުކޮށްފައިވާ ގޯލްތަކެވެ.
ރޭ ކުޅެވުނު މި މެޗަށް ބަލާއިރު ސިޓީގެ މެދުތެރެއާއި އަދި ޑިފެންސް ފެނުނީ ވަރަށް ބޮޑަށް ވިއްސި ވިހާލިވެފައިވާތަނެވެ. އެހެންކަމުން ސިޓީގެ ޑިފެންސްގެ ތެރެއިން ލެސްޓަރގެ ކުޅުންތެރީން ވަރަށްގިނަ ފުރުސަތު ތަކެއް ހޯދާފައިވެއެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ހަތަރު ވަނަ މިނިޓްގައި ސިޓީއަށް ލީޑުނަގައިދިނީ ކުރިން ލެސްޓާ އަށް ކުޅުނު މާރޭޒް އެވެ. ލެސްޓާ އިން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 37 ވަނަ މިނިޓްގަ އެވެ. އެއީ ވާޑީ އަށް ސިޓީގެ ކައިލް ވޯކާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން ވާޑީ ކާމިޔާބުކޮށް ދިން ލަނޑުންނެވެ.
ލެސްޓާ ލީޑުނެގި ގޯލު މެޗުގެ 54 ވަނަ މިނިޓްގައިވެސް ކާމިޔާބުކޮށްދީނީ ވާޑީއެވެ.
އޭގެ ހަތަރު މިނިޓް ފަހުން ވާޑީ އަށް ސިޓީގެ އެރިކް ގާސިއާ ކުރި ފައުލަކަށް ލިބުނު ދިން ޕެނަލްޓީ އަކުން ވާޑީ ވަނީ އިތުރު ގޯލެއް ޖަހައި މިމެޗްގައި ހެޓްރިކް ހަދާފައެވެ
ލެސްޓާގެ ހަތަރު ވަނަ ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖޭމްސް މެޑިސަން އެވެ. މިލަނޑަކީ ސިޓީގެ ޕެނަލްޓީ އޭރިއާ ބޭރުން ލެސްޓަރގެ މެޑިސަން ޖެހި ބޯޅަ ސިޓީގެ ކީޕަރު އެޑަސަން މޮރާއެސް އަތްމަތިން ގޮސް ގޯލްގެ މަތީކަނަށް ވަދެގެން ކާމިޔާބުކުރެވުނު ލަނޑެކެވެ. .
ލެސްޓާ އިން މި މެޗުގައި ލިބުނު ތިން ވަނަ ޕެނަލްޓީން އެ ޓީމުގެ ފަސް ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޔޫރީ ޓީލަމެންސްއެވެ. މި ޕެނަލްޓީ އަކީ ސިޓީގެ ބެންޖަމިން މެންޑީ ކުރި ފައުލަކަށް ލެސްޓަރއަށް ލިބުނު ޕެނަލްޓީ އެކެވެ.