ގައުމު ސްޓްރީޓް ކަޕް – ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގައި މީދޫ ލޮތަރި އެފްސީއާއި ބައްދަލުކޮށް މިމުބާރާތުގައި ވާދަކުރިޓީމްތަކުގެ ތެރެއިން ގިނަ ބައެއްގެ ފޭވަރިޓް އެއްޓީމުގެ ގޮތުގައި ބެލެވުނު ފޭދޫ ސަންއޮފް ލޮންސް ޕެނަލްޓީ ޖަހައިގެން ބަލިވެ މުބާރާތުން ކަޓައިފިއެވެ.
މިރޭގެ މެޗު ފެށުމުގެ ކުރިންވެސް ކުއާޓަރގެ ބޮޑުމެޗުގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރި މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓާ ރަނގަޅަށް ކުޅެފައިވަނީ ސަންއޮފްލޮންސް ކަމުގައިވިޔަސް މެޗުގައި ލަނޑު ޖަހާނެ ހުސްފުރުސަތެއް އެޓީމުގެ ކުޅުންތެރީންނަށް ލިބިފައެއްނުވެއެވެ.
މިމެޗްގެ ދެވަނަ ހާފްގެ ފަހުވަގުތުގެ ކުޅުމާ ހަމައަށްދިޔައިރު 4 ފައުލް ކުރެވިފައިވާތީއާއި އިތުރު ފައުލެއް ކުރެވިއްޖެނަމަ ލޮތަރި އެފްސީއަށް ޕެނަލްޓީ ލިބުމާއި ލަނޑެއް ނުޖެހި މެޗް އެއްވަރުވެގެންދާތީ ޕްރެޝަރުގައި ކުޅެމުންދިޔަ ސަންއޮފްލޮންސްގެ ކުޅުންތެރީން މެޗްގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރީން ލަނޑެއް ކާމިޔާބުކުރެވޭތޯ ކުރިއަށް ޖެހި ވަރަށްބޮޑަށް މަސައްކަތްކޮށްފައިވެއެވެ. އެހެންނަމަވެސް ބެންޗުގައި އިރުޝާދު ދޭނެ ތަޖުރިބާކާރު އޮފިޝަލަކު ނެތި އަދި ތަޖުރިބާ މަދު ޒުވާން ކުޅުންތެރީން ހިމެނޭ ލޮތަރި އެފްސީގެ ކުޅުންތެރީންވަނީ މެޗްގެ ފުރިހަމަ ވަގުތުގައި ސަންއޮފްލޮސްއަށް ލަނޑެއް ކާމިޔާބުކުރުވިޔަނުދީ އެޓީމް ހިފަހައްޓާފައެވެ.
މިމެޗް އެއްވަރުވެގެން ނިމުމާއެކު މޮޅުވާޓީމެއް ކަނޑައެޅުމަށް ޖެހި ޕެނަލްޓީގައި ލޮތަރިން ވަނީ އެޓީމުން ޖެހި 3 ޕެނަލްޓީގެ ތެރެއިން 2 ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ސަން އޮފް ލޮންސް އިން ޖެހި 3 ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނީ 1 ޕެނަލްޓީއެވެ.
ޕެނަލްޓީ ޖެހިޖެހުމުގައި ފުރަތަމަ ޕެނަލްޓީ ޖެހީ ލޮތަރި އެފްސީންނެވެ. ލޮތަރިން ޖެހި ފުރަތަމަ ޕެނަލްޓީ ޒާލިފް ( ޓެރީ ) ކާމިޔާބުކޮށްދީފައިވާއިރު ސަން އޮފް ލޮންސްއިން ޖެހި ފުރަތަމަ ޕެނަލްޓީ އަލީ ނާފިއު ( ކަޅޭ ) ވަނީ ކާމިޔާބުކޮށްދީ 1-1 ން މެޗްގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.
ލޮތަރި އެފްސީގެ ދެވަނަ ޕެނަލްޓީގައި މުންސިފް ޖެހިބޯޅަ ގޯލް ދަނޑީގައި ޖެހިފައި ބޭރަށް ދިޔައިރު ސަން އޮފް ލޮންސްގެ 2 ވަނަ ޕެނަލްޓީގައި އަރުމީޝް ޖެހި ޕެނަލްޓީ ގޯލާ އަމާޒުނުވެ ވަނީ ބޭރަށް ގޮސްފައެވެ.
ލޮތަރި އެފްސީން ޖެހި 3 ވަނަ ޕެނަލްޓީގައި ރަޔަން ފޮނުވާލި ބޯޅަ ގޯލް ދަނޑީގައި ޖެހިފައި ގޯލްތެރެއަށް ވަދެގެން 2-1 ގެ ލީޑެއް ލޮތަރިޓީމަށް ލިބުނެވެ.
ސަން އޮފް ލޮންސްގެ 3 ވަނަ ޕެނަލްޓީ ޝިއާއު ފޮނުވާލިއިރު އެޓީމުގެ ބައެއް ކުޅުންތެރީން ތިބީ ޝިއާއު ޕެނަލްޓީގައި ބޯޅަ ފޮނުވާލިއިރު އެމަންޒަރު ނުބަލަން ވެގެން އަނެއް ފަރާތަށް އެބުރިގެންނެވެ. އެކަމަކުވެސް ޝިއާއު ޕެނަލްޓީގައި ފޮނުވާލި ބޯޅަ ގޯލާ އަމާޒުނުވެ ބޭރަށް ދިއުމުން މިމެޗުން 2 ލަނޑު 1 ލަނޑުން ލޮތަރި އެފްސީ މޮޅުވެ އެޓީމްވަނީ މިމުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ.
މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސަންއޮފްލޮންސްގެ ގިނަ ހަމަލާތަކެއް ދިފާއުކުރުމުގައި ލޮތަރި ޓީމްގެ ފަހަތަށް ކުޅެ މިމެޗްގައި މޮޅުކުޅުމެއް ދެއްކި ލޮތަރިޓީމްގެ ޒާލިފް ( ޓެރީ ) އެވެ.