ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދުގެ އިތުބާރު ނެތްކަމުގެ ވޯޓަކަށް ދާކަހަލަ އިޝާރާތެއް ރައްޔިތުންގެ މަޖްލިސްގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު މިއަދުކުރައްވައިފިއެވެ.
އެފަދަ އިޝާރާތެއް ކުރައްވަމުން ރައީސް ނަޝީދު މަޖްލިސްގެ ތަޅުމުގައި ވިދާޅުވީ ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދަށް މަސްއޫލިއްޔަތު އަދާ ކުރެވިފައި ނުވާ ކަމަށާއި ވަޒީރުގެ މަސްއޫލިއްޔަތު އަދާ ނުކުރެއްވުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަޅުއްވަން ޖެހޭ ފިޔަވަޅު މެންބަރުންނަށް ވަރަށް ސާފުވާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ތަސްދީގު ކުރި މަސްވެރިކަމުގެ އާ ގާނޫނުގައި ބުނާ ގޮތުން އެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހަ މަސް ދުވަހުގެ ތެރޭގައި ނިންމައި ޝާއިއު ކުރަން ޖެހެއެވެ. އެކަމަކު އެ މުއްދަތުގައި އެ މަސައްކަތް ކުރެވިފައި ނުވާތީ، ގަވާއިދު ކޮމިޓީން އެ މައްސަލަ ބަލައި ވަޒީރުގެ މަސްއޫލިއްޔަތު އަދާ ނުކުރާ ކަމަށް މީގެ ކުރިން ވެސް ކަނޑައެޅިއެވެ.
އޭގެ ފަހުން މަސްވެރިކަމުގެ އެ ގަވާއިދުތައް އެކުލަވާލައި ނިންމައި ބަންޑާރަ ނައިބުގެ އޮފީހަށް ލަފައަކަށް އެދި ފޮނުވި ކަމަށް މަޖިލީހަށް ސިޓީއަކުން މިނިސްޓަރ ޒަހާ އެންގެވިއެވެ.
މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު އަލުން އެ މައްސަލަ ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވި އަދި ވެސް އެކަމާބެހޭ ގަވާއިދު ފިޝަރީޒް މިނިޓްރީން ގެޒެޓް ކޮށްފައި ނެތެވެ. އެހެންކަމުން މިނިސްޓަރު ޒަހާގެ މަސްއޫލިއްޔަތު އަދާ ކުރެވިފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދެން އަޅަން ޖެހޭ ފިޔަވަޅު މަޖިލީހުގެ މެންބަރުންނަށް ސާފުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
“އަޅުގަނޑުމެނަށް މި މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވިދާނެ، އެކަމަކު އެ ކޮމިޓީން ވެސް އަނެއްކާ ނިންމަން އޮންނާނީ ވަޒީރުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމަށް، އަޅުގަނޑު މަޖިލީހުގެ މެންބަރުން އަންގަން އޮތީ ވަޒީރު މަސްއޫލިއްޔަތު އަދާ ނުކުރީމަ ކަން ކުރަން ޖެހޭ ގޮތް ސާފުވާން ވާނެ،” ނަޝީދު ވިދާޅުވިއެވެ.
މިނިސްޓަރ ޒަހާގެ މަސްއޫލިއްޔަތު އަދާ ނުކުރެއްވުމުން އަޅަން ޖެހޭ ފިޔަވަޅު މެންބަރުންނަށް ސާފުވާނެ ކަމަށް ނަޝީދު ވިދާޅުވިއިރު، ބެލެވޭ ގޮތުގައި އެމަނިކުފާނު އެ އިޝާރާތް ކުރައްވަނީ ޒަހާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދައި އެ ގޮތަށް ފާސްކުރުމަށެވެ.
ޒަހާއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރުއެމްގެ ސްލޮޓެއްގައި ވަޒީރު ކަމުގައި ހުންނެވި ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހަމައެކަނި އެމްޑީޕީއަށް އޮތްއިރު، ކޯލިޝަންގެ އެހެން ޕާޓީތަކުގެ ވަޒީރުންނަށް ރައީސް ނަޝީދާއި އެމްޑީޕީގެ މަޖިލިސް މެންބަރުން އަބަދުވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެއެވެ.