ޗެމްޕިއަންސް ލީގު: ނަޕޯލީ ބަލިކޮށް ބާސެލޯނާއިން ކްއާޓާފައިނަލުން ޖާގަ ހޯދައިފި

ޗެމްޕިއަންސް ލީގު ދެވަނަ ބުރުގެ ފަހު ލެގުގައި ރޭ ނަޕޯލީގެ މައްޗަށް ކުރި ހޯދައި ބާސެލޯނާ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ބާސެލޯނާ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ބާސާގެ ދަނޑުގައި ރޭ ކުޅުނު މެޗު 3 ލަނޑު 1 ލަނޑުން  ކާމިޔާބުކޮށް އެގްރިގޭޓް ނަތީޖާ ކަމަށްވާ 2-4 ގެ ނަތީޖާއަކުން ނަޕޯލީގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ރޭގެ މެޗުން ބާސާ މޮޅުވެ ކްއާޓާ ފައިނަލަށް ދަތުރުކުރުމުން  ކުއާޓާ ފައިނަލުގެ ތިން ވަނަ މެޗުގައި މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ބާސެލޯނާ ނުކުންނާނީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާ ދެކޮޅަށެވެ. ބަޔާންމިއުނިކް ކުއާޓާ ފައިނަލަށް ދަތުރުކުރީ މުބާރާތުގެ ގަދަ ސޯޅައިގައި ޗެލްސީގެ މައްޗަށް 7 ލަނޑު 1 ލަނޑުގެ  ގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ.

ބާސެލޯނާއާއި ނަޕޯލީ ބައްދަލުކޮށް ރޭ ކުޅެވުނު މެޗު ފަށައިގެން އެންމެ ފުރަތަމަ ނުރައްކާތެރި ހަމަލާއެއް ގޯލާއި އަމާޒުކޮށް ފޮނުވާލީ ނަޕޯލީންނެވެ. މެޗުގެ ދެވަނަ މިނެޓުގައި ނަޕޯލީގެ މާޓެންސް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ރޭގެ މެޗުގައި ބާސެލޯނާގެ ފުރަތަމަ ލަނޑު ރަކިޓިޗް ނަގައިދިން ކޯނަރަކުން ފޮނުވާލި ބޯޅަ ބޮލުންޖަހާ ގޯލްތެރެއަށް ވައްދާލައިގެން ބާސާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ  ޑިފެންޑަރު ކްލެމެން ލެންގްލޭއެވެ.

ބާސެލޯނާއިން ފުރަތަމަ ލަނޑުޖެހިތާ އިރުކޮޅެއް ފަހުން ނަޕޯލީގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ނަޕޯލީގެ ގޯލްގެ އިރުމަތީނަކަށް ބޯޅަ ފޮނުވާލައިގެން މެސީ ވަނީ ބާސެލޯނާއަށް ލީޑު ފުޅާކޮށްދީފައެވެ. މި ލަނޑަށްފަހު މެސީ ބާސެލޯނާއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދިން ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ މެސީ އަތުގައި ބޯޅަ ޖެހުނު ކަމަށް ނިންމުމަށްފަހު  އެއީ ގޯލެއް ނޫން ކަމަށް ނިންމާފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަޕޯލީގެ ކޫލިބަލީ މެސީއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ ބާސެލޯނާއަށް ޕެނަލްޓީއެއް ދީފައެވެ. މި ޕެނަލްޓީ ބާސާއަށް ކާމިޔާބުކޮށްދިނީ ލުއިޒް ސުއަރޭޒްއެވެ. އަދި ފުރަތަމަ ހާފްގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ރަކިޓިޗް ނަޕޯލީގެ ޑްރައިސް މާޓެންސްއަށް ޕެނަލްޓީ އޭރިޔާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ ނަޕޯލީއަށްވެސް ޕެނަލްޓީއެއް ދީފައެވެ. މި ޕެނަލްޓީ ނަޕޯލީއަށް ކާމިޔާބުކޮށްދިނީ ލޮރެންޒޯ އިންސީނޭއެވެ. މި ގޯލާއެކު މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-3 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ދެވަނަ ހާފްގައި ނަޕޯލީން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް ބާސެލޯނާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އަދި ބާސެލޯނާއިންވެސް ވަނީ ކައުންޓަ އެޓޭކުގައި ނަޕޯލީގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް މެޗުތައް ކުޅޭނީ މިނީ މުބާރާތެއްގެ ގޮތުގައި ޕޯޗުގަލްގައެވެ. ކުއާޓާއަށް ދަތުރުކުރި 8 ޓީމުގެ މެދުގައި ނޮކްއައުޓް އުސޫލުން މެޗުތައް ކުޅުމަށް ފަހު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ރެއެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫ ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބޭއްވޭނެ

އައްޑޫ ސިޓީ ހުޅުދޫގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ...

އައްޑޫގެ ހިމަބިހި ކޭސް: ކޮންޓެކްޓްވި މީހުންގެ ގައިން އަލާމާތެއް ނުފެނޭ

އައްޑޫ ސިޓީން ފެނުނު ހިމަބިހި (މީސަލްސް) ކޭސްއާއި ގުޅިގެން ކޮންޓެކްޓްވި މީހުންގެ ގޮތުގައި ފާހަގަކުރެވިފައިވާ އެއްވެސް މީހެއްގެ ފަރާތުން ...

އެއާޕޯޓުގައި މަސައްކަތްކުރާ ފުލުހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ގިނަ ފުލުހުން ކަރަންޓީނަށް ގެންގޮސްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތް ކުރާ ފުލުހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ  ގިނަ އަދަދެއްގެ ފުލުހުން ކަރަންޓީނަށް ގެންގޮސްފިއެވެ ...