ކޯވިޑުގެ ދެވަނަ ރާޅެއްގެ ބިރު: ބަލިފެތުރުން ހުއްޓުވުމަށް ފަރުދީ ޒިންމާ ވަރަށް މުހިއްމު

މުޅި ދުނިޔޭގައި ހުއްޓުމެއްނެތި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ގެ ނުރައްކާ ރާއްޖެއަށްވެސް މިވަނީ އަނެއްކާވެސް ބޮޑުވެފައެެވެ.

މިހާތަނަށްއައިއިރުވެސް އެއްވެސް ފަރުވާއެއް ހޯދިފައިނުވާ މި ނުރައްކާތެރި ބަލިމަޑުުކަން އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖެއަށް ކުރިމަތިވެ އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީގޮތުންވެސް މިވަނީ ބޮޑެތި ނުރައްކާތަކާ ދަތިކަން ކުރިމަތިކުރުވާފައެވެ.

2019ވަނަ އަހަރުގެ ޑިސެމްބަރުމަހު ޗައިނާއިން ފެނުނު މިބަލީގެ ފުރަތަމަ ކޭސް މިދިޔަ މާޗުމަހުގެ 7 ވަނަ ދުވަހު ރާއްޖެއިން ފެނުމާއެކު އެޅި ފިޔަވަޅުތަކާއެކު ބަލިފެތުރުން ކޮންޓްރޯލް ކުރެވުނެވެ. ނަމަވެސް އެޅި ފިޔަވަޅުތައް ޚާއްސަކޮށް އެންމެ ބޮޑަށް ބަލި ފެތުރެންފެށި މާލެ ސަރަޙައްދު ފުރަބަންދުކޮށް އެޅި ފިޔަވަޅުތަކުން ލިބުނު ކުރިއެރުންތަކަށް ފަހުގައި، ފިޔަވަޅުތަކަށް ލުއިދިނުމުން ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން މިހާރު މިވަނީ ބަލީގެ ދެވަނަ ރާޅެއް ކުރިމަތިވެފައި ކަމަށް ސިއްހީދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވެއެވެ.

ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީން ޢާންމުކުރި ކޯވިޑް-19ގެ ރާއްޖޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ހޯމަ ދުވަހުގެ އިރުއޮއްސި 6:00ން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00 އާއި ދެމެދުގައި ވަނީ 137 މީހުން މިބައްޔަށް ޕޮޒިޓިވްވެފައެވެ. މިއީ ފުރަބަންދަށް ދިންލުއިތަކަށްފަހު އެންމެ ގިނަމީހުން ޕޮޒިޓިވްވި ދުވަހެއެވެ. ސިއްޙީ މާހިރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ކުރިން ގިނަ ޢަދަދަކަށް ބިދޭސީން ޕޮޒިޓިވަމުން ދިޔަނަމަވެސް މިހާރު މިބަލި ޖެހޭ ދިވެހިންގެ ޢަދަދު އިތުރުވާން ފެށުމާއި ބަލިޖެހިގެން ހޮސްޕިޓަލުތަކުގައި ފަރުވާދޭ މީހުންގެ ޢަދަދު އިތުރުވެފައިވުމެވެ.

މީގެ ކުރިން ބަލިޖެހުނު ބިދޭސީންންގެ ތެރެއިން ގިނަ މީހުންނަކީ ދާޢިމީ ބަލިތައް ހުންނަ ބަޔަކަށް ނުވުމުން މާބޮޑު ނުރައްކަލެއްނެތި ބަލިން ރަނގަޅުވިނަމަވެސް ދިވެހިންގެ ތެރޭގައި މެދުއުމުރުގެ މީހުންގެ ތެރޭގައިވެސް މިބަލީގައި ހާލަތު ގޯސްވުމަށް ދިމާވާ ދާއިމީ ބަލިތައް ހުންނަ މީހުން ގިނަވުމަކީ ބަލިޖެހޭ ދިވެހިންގެ ތެރެއިން ހާލު ސީރިއަސްވާ މީހުން އިތުރުވެދާނެކަމެއްކަމަށް ޑޮކްޓަރުން ވަނީ ލަފާކުރައްވާފައެވެ.

ރާއްޖޭގައި މިހާތަނަށް 3,506 މީހުންނަށް ބަލިޖެހިފައިވާއިރު، 932 މީހުންނަށް މިހާރުވެސް ދަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 64 މީހުންނަށް ފަރުވާދެމުންދަނީ އެޑްމިޓްކޮށްގެންނެެވެ.

މިއާއެކު ރާއްޖޭގައި ކޯވިޑް19ގެ ޙާލަތު ގޯސްވެ، ނުރައްކަލުގެ ރަނގަބީލުގެ އަޑު ގަދަވަމުންދާކަމުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީންވެސް މިވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން ކޯވިޑް-19އާ ދެކޮޅަށް ހަނގުރާމަކުރަމުންދާއިރު ބަލިފެނިގެން މިވީ ފަސްވަރަކަށް މަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެން ދިވެހިންވެސް މިވަނީ ވަރަށް ގިނަ ކަންތައްތަކަކުން މަޙްރޫމްވެފައެވެ. މި މުއްދަތުގެ ތެރޭގައި ބަރަކާތްތެރި ރަމަޟާންމަސްވެސް އަޅުގަނޑުމެން ވޭތުކޮށްފީމެވެ. އަދި ރަމަޟާންމަހުގެ ރޯދައާއި ގުޅިގެން އަންނަ ފިތުރު ޢީދުވެސް އަޅުގަނޑުމެން ހޭދަކުރީ ބަލިމަޑުކަމާއި ގުޅިގެން އިޢުލާންކޮށްފައިވާ ފުރަބަންދުގެ ތެރޭގައެވެ. މިމުއްދަތުގެ ތެރޭގައި މިސްކިތްތަކަށް ނަމާދަށް ދިއުމާއި ދަރިންނަށް ކިޔަވައިދިނުމުގެ ކަންކަންވެސް އޮތީ ހުއްޓުމަކަށް އައިސްފައެވެ. އަދި ދިވެހން ޒަމާނުއްސުރެ ފާހަގަކުރަމުންދާ ފަޚުރުވެރި މިނިވަންދުވަހުގެ ހަރަކާތްތަކާއި އެނޫންނަސް ފާހަގަކޮއްލެވޭ އެތައް މުނާސަބަތެއް ފާހަގަކުރަން ޖެހުނީ އެއްވެސް އެހެން އަހަރުތަކާއި މުޅިން ތަފާތުގޮތަކަށެވެ.

ބަލިމަޑުކަމުގެ ހާލަތުން އަރައިގަތުމަށް ކަމާގުޅުންހުރި ޢިދާރާތަކުން އެޅި ފިޔަވަޅުތަކާއެކު ލިބުނު ކުރިއެރުންތަކަށް ބަލައި ޚާއްސަކޮށް ބަލިފެތުރޭ ނިސްބަތް މަދުވުމުން މިހާރުދީފައިވާ ބޮޑެތި ލުއިތަކާއެކު އާންމުން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސިއްޚީ މާހިރުންދަނީ ހުއްޓުމެއްނެތި އިލްތިމާސްކުރަމުންނެވެ. ފިޔަވަޅުތަކަށް މިދިން ލުއިތަކަކީވެސް ރައްޔިތުންގެ ކަންކަން އެންމެ ރަނގަޅުގޮތުގައި ކުރިއަށްގެންދިއުމާއި ހުއްޓިފައިވާ ކަންކަން ހަމަމަގަށް އެޅުވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ދިން ލުއިތަކެކެވެ.

މީގެ ތެރެއިން އެއްކަމަކީ ރަށްރަށަށް ދާންބޭނުންވާ މީހުންނަށް އެރަށެއްގައި ކަރަންޓީނުވާގޮތަށް ފޮނުވަންފެށުމެވެ. މިއާއެކުވެސް ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ޓެސްޓުހަދާއިރު ބަލިޖެހިފައިވާ މީހުން މިދަނީ ފާހަގަ ވަމުންނެވެ. މިއާއެކު އެންމެބޮޑަށް ސަމާލުވާންވީ ކަންކަމުގެ ތެރޭގައި ރަށުތެރެއަށް ބަލި ނުފެތުރޭނެހެން ކަރަންޓީނުގެ މުއްދަތު ނިމެންދެން ގެއިން ބޭރަށް ނުދިއުމާއި އެހެންމީހުންނާއި ބައްދަލު ނުކުރުމަކީ ކިހާމުހިއްމުކަމެއްކަން އެބައެނގެއެވެ.

ކަންމިހެންއޮތްއިރު އަނެއްކާވެސް އަޅުގަނޑުމެން މިބައްދަލު ކުރަނީ މީގެކުރީގެ އަހަރުތަކުގައި ވަރަށް ޖޯޝާއި ފޯރީގައި ދިވެހިން ފާހަގަކުރާ ބޮޑު ޢީދެވެ. މުސްލިމު އުންމަތަށް އަންނަ އެންމެ ޢުފާވެރި ޢީދަކީ ޙައްޖުގެ މަތިވެރި އަޅުކަމާއި ގުޅިގެން އަންނަ އަޟްޙާ ޢީދެވެ.

ފިތުރު ޢީދު ނުވަތަ ކުޑަ ޢީދާ ޚިލާފަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް މިޢީދުގެ ފޯރިއާއި ކުޅިވަރުތައް ކޮންމެ އަހަރަކުވެސް ފާހަގަކުރެެއެވެ. ނަމަވެސް މިޢީދު އަޅިގަނޑުމެން ފާޙަގަކުރަން ބަލާއިރު ވިސްނާލަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ.

ބައެއްފަރާތްތަކުން ބަލި ނެތް ރަށްރަށުގައި ޢީދު ފާހަގަކުރުމުގައި އޮތީ ކޮން މައްސަލައެއްތޯ ސުވާލު އުފައްދިނަމަވެސް، ބަލިނެތަސް ރާއްޖޭގެ ކޮންމެ ރަށެއްގައިހެން ކަރަންޓީންގެ ހާލަތުގައި މީހުން ތިބިއިރު ބައެއް ރަށްރަށުން ބަލިވެގެން ގެންނަ މީހުން މިބައްޔަށް ޕޮޒިޓިވްވެފައިވުމަކީ ވެސް އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށް، ކޮންމެ ރަށެއްގައި ހުއްޓަސް ބަލީގެ ނުރައްކާއޮތްކަން ހާމަކޮށްދޭ ދަލީލެކެވެ. އަދި މިވަގުތު އެއްރަށުން އަނެއްރަށަކަށް ދިއުމުގައިވެސް ސަމާލުވުމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން އަންގާފައިވުމަކީ ވިސްނާލަންޖެހޭ ކަމެކެެވެ.

މީގެ ކުރީގެ ބޮޑު ޢީދުތަކުގައި މާލެއިން ރަށްރަށަށް އަދި ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ދަތުރުކުރާ މީހުންގެ ޢަދަދުވެސް އިންތިހާއަށް އިތުރެވިއެވެ. ނަމަވެސް މިހާލަތުގައި މިކަންކަމަށް ރައްކާތެރިވާން މިވަނީ މަޖުބޫރުވެފައެވެ. ޢީދުގެ ކުޅިވަރާއި މަޖަލަށްވުރެ އަޅުގަނޑުމެންގެ ޢާއިލާތަކުގައިތިބި އުމުރުން ދުވަސްވީ މީހުންނާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާމީހުންގެ ސިއްޙަތާއި އެމީހުންގެ ރައްކާތެރިކަމަށޤ ނުބަލައި އެއްވުންތަކާއި އާއްމުތަންތަނުގައި ނުކުމެ އުޅުމުގައި ގައިދުރުކަން ނުބަހައްޓައި އުޅުމަކީ އޭގެ ނޭދެވޭ ނަތީޖާއަކާއި ކުރިމަތިލާން ޖެހިދާނެ ކަމެކެވެ.

ބަލި އެންމެ ބޮޑަށް ފެތުރިފައިވާ މާލެ ސަރަޙައްދަށް ބަލާއިރު ދުވަހުން ދުވަހަށް ބަލިޖެހޭ މީހުންގެ ޢަދުދު މިދަނީ އިތުރުވަމުންނެވެ. މިހާލަތުގައި ބޮޑު ޖަމާޢާތުގައި ޢީދު ނަމާދުކުރުމާއި، އެނޫންވެސް ބޮޑު ޢީދުގައި މާލޭގައި ފާހަގަކުރާ އެތައްކަމެއް ބޭއްވުމުގެ މާޙާއުލެއް އަޅުގަނޑުމެންގެ ތެރޭގައި މިހިނދަކަށްނެތެވެ. ޚާއްސަކޮށް މިދުވަސްވަރު މާލޭގައި އެއްގެއިން އަނެއް ގެއަށް ދިއުމާއ، ގިނަބަޔަކު އެއްވަގުތަކު ކެފޭ ރެސްޓޯރަންޓްތަކަށް ދިއުންވެސް މުނާސަބު ނޫންކަން ބަލި ފެތުރެމުންދާ މިންވަރަސް ބަލާލުމުން އެނގެއެވެ

މިވަޤުތު އަޅުގަނޑުމެން މިކުރިމަތިލާ ޢީދު ޗުއްޓީއާއި ޢިދުގެ ހަރަކާތްތަކުގައި އުޅުމުގެ ބަދަލުގައި ކޯވިޑް-19 ބަލިމަޑުކަމުން އަރައިގަތުމަށް ކުރިންދެއްކި ހިއްވަރާއި މަހަކަށްވުރެ ގިނަ ދުވަހު ގޭގައިތިބެގެންވީ ޤުރުބާނީ ތަކުރާރުކުރަން އެބަޖެހެއެވެ. ސިއްޙީ ޚިދުމަތްތެރިން ފާހަގަކުރައްވާ ގޮތުގައި މިހާރުވެސް އެންމެ ބޮޑަށް އެޅެންއޮތް ފިޔަވަޅަކީ ދެވިފައިވާ އިރުޝާދުތަކަށް ތަބާވެ ބައްދަލުވާ މީހުން މަދުކުރުމެވެ.

ޚާއްސަކޮށް ކޮންމެހެން ބޭނުންޖެހިގެން ނޫނީ ބޭރަށް ނުދިއުމަށާއި ބޭރަށް ދާނަމަ އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާވާގޮތަށް މާސްކުއެޅުމުގައި ރައްކާތެރިވާން އެބަޖެހެއެވެ. އަޅުގަނޑުމެންގެ ތެރޭގައި ތާޢަބަދު ހަރުކަށި ފިޔަވަޅުތަކާއި، ފުރަބަންދުގެ ހާލަތު ބޭއްވުމަކީ އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ މިފަދަ ދަނޑިވަޅެއްގައިކުރުން އެންމެ ފައިދާހުރިގޮތަކަށް ނުވާނެކަން މާހިރުންގެންދަވަނީ ވިދާޅުވަމުންނެވެ. އަދި ފުރަބަންދުގައި ތާޢަބަދު ތިބުން އެއްވެސް ރައްޔިތަކަށް ފަސޭހަކަމަކަށްވެސް ނުވާނެކަން ޔަޤީނެވެ. ނަމަވެސް މިހާރު މިދީފައިވާ ލުއިތަކަށް ބެލުމެއްނެތި އަޅުގަނޑުމެންގެ އަމަލުތައް ސިއްޙީ ބޭފުޅުންގެ ލަފައާ ޚިލާފަށްދާބަމަ މިހާރަށްވުރެވެސް ބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވެ އަނެއްކާވެސް ފުރަ ބަންދަކަށްދާން ކަމާގުޅުހުންހުރި ޢިދާރާތަކަށް މަޖުބޫރުވާނެއެވެ.

އަދި އަޅުގަނޑުމެންފަދައިން ޞިއްޙީ ފަންނުވެރިންނާއި ސިއްޚީ ސާމާނު މަދު ޤައުމަކަށް އެހާގިނަ ބަޔަކަށް ބަލިޖެހެން ފަށައިފިނަމަ ނުކަތާވަރަށްގޮސް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހުމަކީ އެއްވެސް ދިވެއްސަކު އެދޭނެކަމެއް ނޫނެވެ. އެހެން ކަމުން މާލޭގައި ތިބި މީހުުންވެސް އަދި ރަށްރަށުގައި ތިއްބަވާ ރައްޔިތުންވެސް މިބަލިމަޑުކަމުން އަރައިގަތުމަށް ނުވަތަ ބަލިން ސަލާމަތްވުމަށް ހިތްވަރާއެކު މަސައްކަތްކުރަންމިވަނީ ޖެހިފައެވެ.

މަސްދަރު: ޕީއެސްއެމްނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫގައި ބޮޑު ޖަމާއަތެއްގައި އީދު ނަމާދު ކޮށްފި

މީދޫގައި  ބޮޑު ޖަމާއަތެއްގައި އަޟްހާ އީދު ނަމާދު ކޮށްފި އެވެ. މީދޫ ސަންސެންޓް ރެސްޓޯރެންޓް ކުރިމަތީ އޮތް ހުސްބިމުގައި ...

އެސްޓީއޯއިން ދަނޑުވެރިންގެ އުފެއްދުންތައް ގަތުމަށްފަހު އެތަކެތި މާކެޓަށް ނެރެނީ

ރާއްޖޭގެ ދަނޑުވެރިން އުފައްދާ ބާވަތްތައް އެސްޓީއޯއިން ގަތުމަށްފަހު މިއަހަރުގެ ތެރޭގައި މާކެޓަށް ނެރޭނެކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ...

ލޯންޗް އެކްސިޑެންޓުގައި ގެއްލުނު މީހާ މަރުވެފަ އޮއްވަ ފެނިއްޖެ

ދެ ލޯންޗު ޖެހި ރޭ ހިނގި އެކްސިޑެންޓުގައި ގެއްލުނު މީހާ ކަނޑު އަޑީގައި މަރުވެފަ އޮއްވަ ފެނިއްޖެ އެވެ. ...