ބ. އޭދަފުށީގައި ހޯމް ކަރަންޓީނުގައި ތިބި ދެ ބިދޭސީއަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ހޯމް ކަރަންޓީނުގައި ހުއްޓާ އޭދަފުށިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ބަންގްލަދޭޝްގެ ދެ މީހެކެވެ.
އެ ދެމީހުން ޕޮޒިޓިވްކަން އެނގުނީ ކަރަންޓީނު މުއްދަތު ހަމަވުމުން، އެމީހުން ދޫކޮށްލަން، އިއްޔެ ސާމްޕަލް ނަގައި ކުރި ޓެސްޓުންނެވެ.
އޭދަފުށީގައި މިވަގުތު 15 ވަރަކަށް މީހުން ހޯމް ކަރަންޓީނުގައި އެބަތިއްބެވެ.
މި މަހުގެ 18ވަނަ ދުވަހު ބ. ތުޅާދޫގައި ކަރަންޓީނުގައި ހުރި މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެހެންނަމަވެސް އޭނާ ޕޮޒިޓިވް ވިކަން އެނގުނީ 10ދުވަސް ކަރަންޓީނުގައި ހުރުމަށްފަހު ހާޓްއެޓޭކެއް ޖެހި ކުއްލިއަކަށް ނިޔާވުމުން ކޮވިޑަށް ޓެސްޓު ކުރުމުންނެވެ. އޭގެފަހުން އިއްޔެ ހިތާދޫގައި ވެސް ހޯމް ކަރަންޓިގައި ހުރި މީހަކުވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.