ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަލީ ވަހީދު އިސްތިއުފާ ނުދިމުން މަގާމުން ވަކިކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ރޭ ވިދާޅުވީ، މަގާމުން އިސްތިއުފާ ދެއްވަން އަލީ ވަހީދަށް ރައީސް އެންގެވީ މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެ ފަދަ އަޚުލާގީ މައްސަލަތަކެއް ޓޫރިޒަމް މިނިސްޓްރީގައި ހިނގާފައިވާ ކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް އެ މަނިކުފާނަށާއި ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައިވާތީ ކަމަށެވެ.
ހޫދު ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު، ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު މިއަދު ވަކިކުރައްވާފައިވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރީ ވަގުތީގޮތުން ހިންގުން މިއަދުން ފެށިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާ ހަވާލުކުރައްވާފައިވާ ކަމަށް ވެސް ހޫދު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި އަލީ ވަހީދަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތު ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ވެސް އަންނަނީ ބަލަމުންނެވެ. ނަމަވެސް އެ މައްސަލަތަކުގެ ތަފުސީލެއް އަދި އެ އިދާރާތަކުން ހާމައެއް ނުުރެ އެވެ.